އަނެއްކާވެސް އިންޑިއާ ސިފައިން އިހަވަނދޫ ދޯންނަކަށް އަރާ ބިރު ދައްކައިފިއެވެ.
ރޭ ދަންވަރު 12 ޖެހިއިރު އިންޑިއާ ސިފައިން އަރާފައިވަނީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ގެންދާ ހއ. އިހަވަންދޫ “މާހޯރަ-3″ ދޯންޏަށެވެ. މި ދޯންޏަކީ މިމަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި 3 ދޯނީގެ ތެރެއިން 1 ދޯންޏެވެ.
އިހަވަންދޫ މަސްވެރިން ބުނީ ދަންވަރު އިންޑިއަން ނޭވީގެ ކޯސްޓްގާރޑެއް ދޯންޏާ ކައިރިކޮށް ދޯނި ހުއްޓަން އަަންގައިފާވާ ކަމަށެވެ. ދޯނި މަޑުނުކޮށް ދުއްވީމަ އިންޒާރު ދެމުން ފަހަތުން އައި ކަމަށެވެ. އޭރު ހުރީ މޮޅަދޫ ބޮޔާ 3 މޭލު ބޭރުގައި ކަމަށެވެ. އަދި ރޭންޖްވެސް ލިބޭ ކަމަށް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ކޯސްޓްގާރޑު ކައިރި ކުރުމާއެކު ރޭންޖް ކެނޑިއްޖެ ކަމަށާއި، ދެން އެއްވެސް ފަރާތަކަށް ގުޅޭގޮތެއްނުވި ކަމަށެވެ. އެމީހުން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން ދޯނި ހުއްޓީ ހަމަލާ ދީފާނެކަމަށް ބަލާފަ ކަމަށްވެސް ބުނެފައިވެއެވެ.

