މަސްވެރިން ބާނާމަހަށް ފައިސާ ނުލިބިގެން މުޒާހަރާ ކުރަމުންދާ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
ޝިޔާމް ރައްޔިިތުންގެ މަޖިލީހަށް ހާޒިރު ކުރަނީ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސުވާލު ކުރުމަށެވެ. ރިޔާޒް ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވާ ވަނީ، ތ އަތޮޅު ފުނައްޑޫއިން މަސްގަންނަން ފަށާނެ ތާރީޚު ސާފުކުރުމަށެވެ.
އެހެންނަމަވެސް މަސްވެރިންނަށް ފައިސާ ނުލިބިގެން ކުރަމުންދާ މުޒާހަރާގެ މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ސުވާލު ކުރުމަށް ހުށައަޅާފައެވެ.
އާދީއްތަ ދުވަހު ހެނދުނު ކޫއްޑޫގައި މަސްވެރިން މުޒާހަރާ ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ތިން މަސް ވެއްޖެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ. އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ށ. އަތޮޅުގައި ހުންނެވުމަށް ފަހު، ކޫއްޑު އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބުނެވެ.
މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ޝަކުވާކުރި ނަމަވެސް މި ސަރުކާރުން މިހާތަނަށް ވަނީ 400 މިލިއަނަށް ވުރެ ގިނަ ފައިސާ އެ މީހުންނަށް ދޫކޮށްފަ އެވެ. މިހާރު ދޫނުކޮށް ހުރި 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު ދޭން ސަރުކާރުން އެއްބަސްވުމުން ވެސް ކޫއްޑޫގައި މުޒާހަރާކުރާ މީހުން އެ ގޮތް ބޭނުމެއް ނުވި އެވެ. އެ މީހުން ބޭނުންވަނީ ވަގުތުން ފައިސާ ލިބުމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ އަންނަ މަހުގެ 5 ގެ ކުރިން ހުރިހާ ފައިސާއެއް ދޫކޮށް ނިންމައި އޭގެ ފަހުން ބަރާބަރަށް ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދޭން ފަށާނެ ކަމަށެވެ.