ތައުލީމީ ދާއިރާގައި ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި، ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގެ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އެއީ 107 މަޝްރޫއެއް ކުރިއަށް ގެންދާ އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.
“އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ އެއްކޮށް މަނިކުފާނުގެ އިރުޝާދާ އެއްކޮށް ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ މިހާރު ވާނީ ޕޭކޮށްފަ. އަދި ހަމައާއެކު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކޮށްލަން. އަޅުގަނޑު ގަބޫލުކުރަނީ ގައްދޫ މަލްޓިޕާޕަސް ހޯލުވެސް އަދި އެހެން ރަށްރަށުގައި ހުއްޓިފައިވާ އެންމެހާ ޕްރޮޖެކްޓުތަކެއް އިރާދަކުރެއްވިއްޔާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމާއެކު ބާރު ސްޕީޑެއްގަ ކުރިއަށްދާނެ ކަމަށް” ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ގައްދޫ ސްކޫލަށް ބޭނުންވާ ވަރަށް ޓީޗަރުންވެސް މިދިޔަ ސަރުކާރުން ފޮނުވާފައި ނުވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ދިރާސީ އާ އަހަރަށް ގައްދޫ ޓީޗަރުން ހަމަޖައްސައިދެއްވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުން ވެފައިވާ އިހުމާލުތަކުގެ ސަބަބުން، ގައްދޫގެ ތަރައްގީއަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ގައްދޫވެސް ތަރައްގީކުރެއްވުން ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒާއެކު ގައްދޫ ތަރައްގީވެގެންދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.