އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާ އަކުން ފުލަމް ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޔުނައިޓެޑުގެ ޒުވާން ފޯވާޑް އަލެޖަންދްރޯ ގަނާޗޯ އާއި ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މިހާފުގައި ފުލަމްގެ ރޮޑްރީގޯ މުނީޒް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި ފުލަމް އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 65 ވަނަ މިނެޓުގައި ނައިޖީރިއާގެ ޑިފެންޑަރު ކެލްވިން ބަސޭ ޖެހި ގޯލުން ފުލަމުން ލީޑު ނެގިއެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރު ކުރި ގޯލު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އެވެ. އެ ނަތީޖާގައި މެޗު އެއްވަރު ވަމުން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ފުލަމް އިން ދެވަނަ ގޯލެއް ޖަހައި އަލުން ލީޑު ނެގިއެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް އެލެކްސް އިވޯބީ އެވެ.
ލީގު ތާވަލުގެ ފަސްވަނަ އަށް ކުރިއަށް އެރުމަށް ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލިއިރު 26 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. އަނެއްކޮޅުން 26 މެޗުން ލިބުނު 32 ޕޮއިންޓާއެކު ފުލަމް އޮތީ 12 ވަނައިގައެވެ.

