ރިޔާސީ ކެމްޕެއިންގެ ވައުދާ އެއްގޮތަށް ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ 7 ސަރަހެއްދެއްގައި، އާބަން ސެންޓަރުތަކެއް ތަރައްގީކުރަން ސަރުކާރުން މީގެކުރިން ނިންމާފައިވެއެވެ. ކުޅުދުއްފުށީގައި އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ އާބަން ސެންޓަރުތައް ތަރައްގީކުރަން ނިންމާފައި ސަރަހައްދުތަކުގެ ތެރެއިން 1 ސަރަހައްދަކީ ކުޅުދުއްފުށި ސިޓީކަމަށެވެ. އަދި މީގެ ސަބަބުން އެހެން ރަށްތަކުގެ ރައްޔިތުންނަށް، ކުޅުދުއްފުށި ސިޓީއަށް ހިޖުރަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ފަށަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން 2،000 ހައުސިންގް ޔުނިޓު އަޅަން ނިންމާފައިވާ ކަމަށާއި މީގެ ސަބަބުން، އެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2،000 ހައުސިން ޔުނިޓްގެ މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށި ސިޓީއަށް ތަރައްގީގެ ގިނަ ކަންކަން ކޮށްދޭން މި ސަރުކާރުން ނިންމާފައިވާކަމަށް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، އެ ސިޓީގައި މުހިއްމު ހުރިހާ ހިދުމަތްތަކެއް ލިބޭނެހެން ހޮސްޕިޓަލެއް ގާއިމްކުރުމުގެ އިތުރުން، މަގުތައް ތަރައްގީކުރުމާއި ކުޅިވަރު ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

