މިވީހާ ދުވަހު ނުވެ އޮތް ކަމެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުވެލީގައި ހަގީގަތަކަށް ހައްދަވައިދެއްވައިފިކަމަށް ވިދާޅުވެލައްވައި ރާއްޖޭގައި އަލަށް ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު އެ ހިދުމަތަށް ތައުރީފް ކުރައްވައިފިއެވެ.
ފިރުޒުލް މިހެން ވިދާޅުވީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފިރުޒުލް ވަނީ އެއަރ އެމްބިއުލާންސަކީ ދިވެހިރާއްޖޭއަށް ކޮންމެހެން ބޭނުންޖެހިފައިވާ ޚިދުމަތެއްކަން ފާހަގަކުރެއްވުމާއެކު، ނަމަވެސް އަވަސް ޚިދުމަތަށް ޚާއްސަކުރެވިފައިވާ އެއަރކްރާފްޓެއް ނެތުމުން އެމެޖެންސީ ފަރުވާއަށް ބަލިމީހާ ބަދަލުކުރަންޖެހޭ ކޮންމެ ފަހަރަކު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އަދި އެއިން ކޮންމެ ވަގުތަކު އާއިލާ މީހުން އެކި ކޮޅުކޮޅު މައްޗަށް ދުވެ އެކި އެކި ފަރާތްތަކަށް ގުޅައި އާދޭސްކުރަންޖެހޭ ކަމަށާއި މި ހުރިހާ ތަކުލީފެއް ހުއްޓަސް، 2024 ވަނަ އަހަރާ ބައްދަލުކުރިއިރުވެސް މިކަން ހަގީގަތަކަށްވެފައެއް ނެތްކަމަށް ފިރުޒުލްގެ އެކްސްޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފިރުޒުލް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއެކު އަވަސް ފަރުވާއަށް ޕޭޝަންޓު ބަދަލުކުރަންޖެހި، ނަމަވެސް ކަންކަން ހަމަނުޖެހިގެން ލަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ކުއްލި އަވަސް ފަރުވާ ބޭނުންވާ ބަލިމީހާގެ އާއިލާއިން އާދޭސްކުރަންޖެހުންވެސް ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ފިރުޒުލް ވިދާޅުވީ އެމަޖެންސީގައި ބަލި މީހާ ބަލާ އެއާ އެމްބިއުލާންސް ފުރާނީ، ކުއްލި އަވަސް ފަރުވާއަށް ބޭނުންވާކަމަށް ޑޮކްޓަރުން ނިންމުމާއެކު، އެމެޖެންސީ ފަރުވާއަށް ތައްޔާރަށް ތިއްބަވާ ޑޮކްޓަރާއި ނަރުހުންގެ ޓީމާއެކު ކަމަށެވެ. އަދި ބަލި މީހާގެ އާއިލާއިން އިތުރު އާދޭހެއްކުރާކަށް ނުޖެހޭނެ ކަމަށާއި ވައިގެ ދަތުރުފަތުރުގެ އުސޫލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހޭދަވާނެ ވަގުތު ފިޔަވައި އިތުރު ލަސްވުމެއްވެސް އިރާދަކުރެވިއްޔާ ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދަތުރުމަތީގައި ދޭންޖެހޭ ފަރުވާ ދެވޭނޭ އެކަށޭނަ ވަސީލަތްތައްވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތް އިއްޔެ ވަނީ ރަސްމީކޮށް ފަށައިފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ސިއްހީ ވުޒާރާ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެން ދޭ އެއަރ އެމްބިއުލާންސްގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ.