އިގްތިސާދީ ވައުދުގެ އެންމެ ބޮޑު އަސާސަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަަމަށާއި، ވައުދުވި ގޮތަށް ފާއިސާ ޗާޕް ނުކޮށް ހުއްޓާލެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހިޔާ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އެދޭތީ ފައިސާ ޗާޕްކުރުން ހުއްޓާލެވިއްޖެ ކަމަށާއި، ގައުމު ހިންގާނީ ލިބޭ އާމްދަނީން ކަމަށެވެ.
“ދެން މިކަން ހަޖަމް ނުވަންޏާ ތިބެންވީއޭ މިކަން މި އޮތީ ކޮށްފަ . އެކަން އެވަނީ އިންޓަނޭޝަނަލް މަނިޓްރީ ފަންޑްން ގަބޫލުވެސް ކޮށްފަ. ވޯލްޑް ބޭންކުން އެކަން ފާހަގަކޮށްފަ. ފައިސާ ޗާޕް ނުކޮށް އަޅުގަނޑުމެނ މި ގައުމު ހިންގާނީ. ފައިސާ ޗާޕްނުކޮށް އަޅުގަނޑުމެންނަށް ލިބޭ އާމަދަނީގެ ތެރެއިން މެނޭޖްކޮށްގެން އަޅުގަނޑުމެން 500 އެތައް މަޝްރޫއެއް ކުރިއަށް މިގެންދަނީ” ރައީސް
ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު ގައުމު ހިންގީ ފައިސާ ޗާޕް ކޮށްގެން ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރުގައި އެކަނިވެސް 8 ބިލިއަން ރުފިޔާ ޗާޕް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދެން މި ރާއްޖެ ހިންގާނީ އިގްތިސާދީ ގޮތުން އަރަނިކުރެވޭ ގައުމެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވަނީ ފާހަގަ ކޮށްފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަމުގައި ވިދާޅުވަމުން ފާހަގަކުރެއްވީ އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާކަން ފާހަގަ ކުރައްވާފައެވެ.
ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ނިންމުމަކީ މިހާލަތުގައި އޮތް އެއްވެސް ޤައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާކަމުގައެވެ.