ކުޑަކުދިން ކުށްކުރާ މައްސަލަ ހައްލުކުރުމަށް، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކުރުމަކީ އެކަމުގެ ހައްލެއް ނޫން ކަމަށާއި ދުނިޔޭގެ އެހެންތަންތަނުގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އެހެން ވިދާޅުވީ އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރި ދެ ކުޑަކުދިންނަށް އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް، އަލުން ޕޯސްޓުކުރި، 2022 ވަނަ އަހަރު އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައެވެ.
މި ލިޔުމުގައި ޝަމީމް ވިދާޅުވެފައިވަނީ، އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެ ކަމަށާއި، އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުތިބޭނެ ކަމުގައެވެ.
ޝަމީމް، ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށާއި ނަމަވެސް، އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ.
އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ކުދިންނަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންޖެހޭ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
ހައްލަކީ ރިހެބިލިޓޭޝަންއެވެ. ފަރުވާ ދިނުމެވެ. ރަނގަޅު މަގު ދައްކައިދިނުމެވެ. މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ.
ޝަމީމް ވިދާޅުވީ ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލައިފިނަމަ، ކުށްވެރީންގެ ޖީލެއް އުފެދި، އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ
ރޭ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ނިންމާފައިވާ ކަމަށެވެ.