ހއ. ހޯރަފުށީގައި ހުޅުވަން ތައްޔާރުވެފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.
ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން ބޭނުންވާކަމަށް ބުނެފައި ވަނީ ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައެވެ.
އިއުލާނުގައި ބުނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި ތިބި ކުދިން ރިހެބިލިޓޭޓް ކުރުމަށް ސަރުކާރުން ގާއިމްކުރާ ތަނެކެވެ. ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެ ކަމަށް ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
އަދި އެތަނުގައި ވަކި ވަރެއް ވަންދެން ރިހެބިލިޓޭޓް ކުރުމަށް ފަހު ހާފްވޭ ހައުސްއަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ދ. ކުޑަހުވަދޫގައި ހުރި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރާއި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްގެ މަސައްކަތް ނިމި އެ ތަނުގައި ހިދުމަތް ދެވޭ ވަރެއް އަދި ނުވެއެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ، “ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ” ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.