ލައިސަންސް ދޫކުރުމުގެ ޚިދުމަތުންނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ލައިސެންސުންނަގާ ފީ ސީދާ ކައުންސިލްތަކަށ ވަންނަގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. މިނިސްޓްރު ވިދާޅުވީ ލައިސެންސް ހިދުމަތަކީ ކައުންސިލްތަކުން ދޭ ޚިދުމަތެއް ކަމަށާއި، ނަމަވެސް އޭގެ މަންފާ، އެ ކައުންސިލަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުގައި އެބައޮތްކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ކޮންމެ ފަސް އަހަރަކުން އާ ކުރަންޖެހޭގޮތަށް ވެސް ބަދަލު މިހާރު ގެންނަވާފައިވާ ކަމަށެވެ.
“މި މަސައްކަތަށް ސްޓާފުންވެސް ނަގައިގެން ކައުންސިލުން މުސާރަ ދީގެން ޚިދުމަތް ދެނީ. މިހާރު އިންނަގޮތުން ޓްރާންސްޕޯޓް ޕޯޓަލްއިން ފައިސާ ދައްކަމުންދަނީ. ނަމަވެސް މިހާރު މި ބަދަލު ގެނައީ އެކަމަށް ދައްކާ ޚިދުމަތުގެ ފި ކައުންސިލުން ބަލައިގަންނަގޮތަށް.” އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ބޭނުންވަނީ ޚިދުމަތް ހޯދުމުގައި ލުއިކޮށްދިނުން ކަމަށެވެ. މިއީ ކުޑަ ބޮއްކުރާއެއް ގެންގުޅޭމީހާވެސް އަހަރަކު އެއްފަހަރު ސެޓްފިކެޓް ހައްދަންޖެހޭތީ އެމީހާއަށްވެސަް ލުޔެއް ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއްކަމަށްވާތީ ނިންމި މުހިންމު ނިންމުމެއ ކަމަށެއެވެ.