ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީސް އިންތިހާބުގައި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންޓި ކެމްޕެއިން ކުރުމުގެ ޢަމަލުތައް ހިނގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރާއި ބެނާތަކުގައި ކެނޑިޑޭޓުންގެ އިންތިހާބީ ހައްގައް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އީސީން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފަށް އެފަދަ ޢަމަލުތައް ނުކުރުމަށާއި، ކެނޑިޑޭޓުންގެ ސުލޫކީ މިންގަނޑަށް ތަބާވުމަށް އިލްތިމާސް ކުރާކަމަށެއެވެ.
އޭގެ އިތުރުން އެ ފަދަ ޢަމަލުތައް ހިނގާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އަރައިގެން ނުވާނެ ކަމަށެވެ.
މިގޮތުން ކެމްޕޭނު ކުރައްވާއިރު، އެހެން ކެންޑިޑޭޓަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ވެސް މަނާކަމެއްކަމެް ކަމަށް އީސީން ބުނެއެވެ. އެހެންކަމުން ކުރިއަށް ރައްޔިތުނގެ މަޖިލީހަށ ކުރިމަތި ލައްވާފައިވާ އެެއްވެސް ކެންޑިޓެއްގެ ކެމްޕެއިނު ހަރަކާތެއްގައި މިފަދަ ކަމެއް ފެނިގެންނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނެ ތާރީހު ކަމަށް އިލެކްޝަނުން ނިންމާފައިވަނީ މިހުގެ 21 ވަނަ ދުވަހުގައެވެ.