ތިނަދޫ ސިޓީގެ މޭޔަރާއި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލް މޭޔަރ ކަމުގެ ހުވާ މިރޭ ކުރައްވާފައިވާއިރު މެމްބަރުން ހުވާކުރެއްވުމުގެ އިތުރުން، މިހާރުގެ ޑަބްލިއު.ޑީ.ސީގެ މެމްބަރުން ވަނީ އިޤުރާރުގައި ސޮއިވެސް ކުރައްވާފައެވެ.
މޭޔަރު ކަމުގެ ހުވާ ލައިދެއްވާފައިވަނީ ތިނަދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް ނަޝާދަތު ޒައީމެއެވެ.
މިއީ މާރޗު 26 ވަނަ ދުވަހު ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެ ކަައުންސިލްގައި މިހާރު ތިއްބެވި ހަތް ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެވެ.

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ/ފޮޓޯ މުހައްމަދު އަޙްތަރު
މިއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙު އެމްޑީޕީ މެޖޯރިޓީ އޮތް މަޖުލީހުން އެ އިސްލާޙް ބަލައިގަނެ ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ އިސްލާޙާއެކު ގާނޫނަށްއައިސްފައިވާ ބަދަލުގެ ތެރޭން ތިނަދޫ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް ޤާނޫނީ އިޖުރާތުތައް ފުރިހަމަކުރުމަށް ކުރަންޖޭ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތުވެސް މެއެވެ.

މިރޭ ތިނަދޫގައި ކުރިއަށްދިޔަ ތިނަދޫ ސިޓީ މޭޔަރާއި ތިނަދޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުވާކުރެއްވުމުގެ ތެރެއިން /ފޮޓޯ: މުހައްމަދު އަޙްތަރު
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނަށް ގެންނަވަނެޖެހޭ ބަދަލުތައްގެނެސް 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުންނެވެ. މިބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން ވަނީ “ސެކްރެޓޭރިއަޓް އޮފް ތިނަދޫ ސިޓީ ކައުންސިލް” އަށް ބަދަލުގެނެވިފައެވެ.