ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް، އެކިހާލަތްތަކުގައި ފުލެޓު ލިބުމުން މަހުރޫމުވެ އަދި އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަަން ލިބިފައިނެތް ފަރާތްތަކަށް ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އިޖުތިމާއީ ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައި ވަނީ، 2010 ވަނައަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކުރި ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވި ނަމަވެސް ފްލެޓް ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ ބޯހިޔާވަހިކަމުގެ ފުރުސަތެއް ކަމަށެވެ. ހަމައެހެންމެ، އެ މަޝްރޫޢުން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް މިހާރު، ސަރުކާރުން އިމާރާތް ކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އިޖްތިމާއީ ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިކަން މިގޮތަށް ނިންމާފައި ވަނީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށްގެންދާ މަޝްރޫޢަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނެސްދިނުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންނާއި އަދިވެސް އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ތަރައްގީ ގެނައުމަަށް ނިންމާފައިވާއިރު އޭގެ ތެރެއިން ވެސް އެންމެބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ އެއްކަމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައެވެ. އެހެންކަމުން ރައީސް ޑރ މުއިއްޒު އެންމެ ހާއްސަ އިސްކަމެއް ދެއްވާ އެެއްކަމަކީ ރާއްޖެއަށް ދިމާވެފައިވާ މި ދަތި އުނދަގޫ މައްސަލަ، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މައްސަލައަށް ހައްލު ގެނެސްދެއްވުމެވެ.