ސެނެހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާ ޑޮކްޓަރުން އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތްނަމަ ފޮނުވާލުން ކަަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިހަރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރް ވިދާޅުވީ، ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ ހިދުމަތުގެ ދަށުން ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ.
“ރައީސްގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތިއްޔާ އެ ބޭފުޅުންވެސް އަނބުރާ ގެންދިއުމުގެ ކަންތައް އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ކުރިއަށް ގެންދިއުން،” ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިވަގުތަށް އެ މީހުން އެނބުރި ގައުމަށް ގެންދިއުމުގެ ބޭނުމެއް އޮތް ކަމަކަށް ސަރުކާރަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ، އެ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތް ކުރަނީ ވަރަށް ކުރު މުއްދަތަކަށް ރޮޓޭޝަނަލް ބޭސިސް އެއްގައި ދައުލަތުން ދޫކުރާ ވިސާއެއްގައި ކަަމަށެވެ.
“އެ މީހުންގެ މަސައްކަތް ހުންނާނީ ސެނެހިޔާގައި ސިއްހީ ގޮތުން އަޅުގަނޑުމެންގެ ސިފައިންނަށާއި ސެނެހިޔާއިން ހިދުމަތް ހޯދާ މީހުންނަށް، ހަމަ ޑޮކްޓަރުން ދޭ ހިދުމަތް ދިނުން، އަދި ރޮޓޭޓް ވާއިރު އަންނަ މީހުންނަކީ ރިކުއާމެންޓް އޮތް ގޮތުން މިކޮޅުން އެދިގެން އަންނަ މީހުން، އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ،”. ޣައްސާން ވިދާޅުވިއެވެ.