ޅ. އަތޮޅު ފަޅުރަށަކުން ގިނައަދަދެއްގެ ބަނގުރާ ހޯދާ ހިންނަވަރުން 2 މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ޅ. އަތޮޅު ގާއެރިފަރުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފަ ކަމަށެއެވެ.
އެއީ އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ބުނެފައެވެ.
ގާއެރިފަރުން ބަގުރާ ފެނިފައިވާއިރު، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

