އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 އަށެވެ. ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ސިޑްސްގެ މި ކޮންފަރެންސްގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ރައީސް 7 ސްޓޭޓްމެންޓެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމެވެ. ހީނާ ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން އިތުރު 3 ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮންފަރެންސްއާއި ހަރަކާތްތަކުގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި، އެހީތެރިކަން ބޭނުންވާ ގޮތްތައްވެސް ހިއްސާކުރަމުން ދާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުން ޚަރިޖީ ވަޒީރު މޫސާ ޒަމީރާއި، މޫސމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރު މުޙައްމަދުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ. މީގެއިތުރުންވެސް މުހިއްމު އެތައް ކަންކަމާއި ގުޅޭގޮތުން ސިޑްސްގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެއެވެ. މިފަހަރުގެ ކޮންފަރެންސްގައި ދެމެހެއްޓެނިވި ތަރައްގީގެ 2030 ވަނަ އަހަރުގެ އެޖެންޑާ ހާސިލް ކުރުމަށްވެސް މަޝްވަރާ ކުރާނެއެވެ.

