އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ވުން މަނާ ކުރާ ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުން، މާދަމާގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބާއްވަން އެޖެންޑާ ކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
މި މައްސަލަ މާދަމާއަށް ތާވަލު ކޮށްފައި ވާއިރު އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފައެވެ. އިޒްރޭލު ޕާސްޕޯޓު ބޭން ކުރެވޭނީ އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ތަކެއް ގެނެސްގެން ކަމަށް ބަންޑާރަ ނައިބު އަަހުމަދު އުޝާމް ވަނީ ވަޒީރުންގެ މަޖިލިހަށް ލަފާ ދެއްވާފައެވެ.
މަޖިލީހުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ދުވަހު ބިލުގެ ދެލި ކޮޕީއަށް މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށް ފަހު، އޭގެ ތިން ދުވަސް ފަހުން މަޖިލީހުގައި ބިލުގެ އިބްތިދާއީ ބަހުސް ފެށުމެވެ.
އިމިގްރޭޝަން ގާނޫނަށް ރާއްޖެ އެތެރެވުން މަނާ މީހުން ފާހަގަކޮށް އަކުރެއް އިތުރު ކުރާ ގޮތަށް މީކައީލް ހުށަހެޅުއްވި ބިލުގައި ބަޔާން ކޮށްފައި ވަނީ އިޒްރޭގެ ޕާސްޕޯޓު ގެންގުޅޭ މީހުން ކަމަށެވެ. އޭގެތެރޭގައި އިޒްރޭލްގެ ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހަކަށް ވިޔަސް، އެ މީހަކު ވެސް މީގައި ހިމެނެއެވެ.

