ސްކޫލްތަކުގެ ވަކި ވަކި ކުލާސްތަކުގެ މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތު ކުރުމަށް ސޯޝަލް މީޑިއާގައި ގްރޫޕުތައް ނުހެދުމަށް ތަޢުލީމީ ވުޒާރާއިން އަންގައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ދަރިވަރުން ހެދުމަށް، މުދައްރިސުންނާއި ބެލެނިވެރިން މުއާމަލާތު ކުރުމަށް ސޯޝަލް މީޑިއާގެ އެކި ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންނަށް އަމިއްލަ ޒިންމާ ދަސްވާނެ ފަދަ އާދަތަކެއް އަށަގެންނެވުމަށް މަސައްކަތް ކެއްކުރުމަށް އިސްކަންދޭނެޖެހޭ ކަމަށެވެ. އެގޮތުން ސްކޫލުން ބެލެނިވެރިންނަށް ކަންކަން އެންގުމަށް ސޯޝަލް މީޑިއާގެ ގްރޫޕުތައް ހަދައިގެން އެކަންކަން އެންގުމުގެ ބަދަލުގައި، ދަރިވަރުން މެދުވެރިކޮށް އެމުޢާމަލާތްތަކާއި އެންގުންތައް ބެލެނިވެރިންނާއި ހަމައަށް ގެންދެވޭނެ ފަދަ އާދަތައް އަށަގެންނެވުމަށް ވަނީ ދަންނަވާފައެވެ.
ހަމައެއާއެކު ސްކޫލްތަކުގައި ބޭނުންކުރެވޭ ސޯޝަލް މީޑިއާގެ ވަޞީލަތްތަކަކީ، އެއް ފަރާތުން މުޢަމަލާތު ކުރެވޭ ކޮމިއުނިޓީ ގްރޫޕުތަކެއްގެ ގޮތުގައި ބޭނުން ކުރުމަށް މި ސާކިއުލާގައި ވަނީ އަންގާފައެވެ. އަދި އެ ގްރޫޕުތައް ސްކޫލްތަކުގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށާއި ރަސްމީ މުޢާމަލާތު ކުރުމަށް އެފަދަ ގްރޫޕުތައް ހަދާނަމަ އެގްރޫޕުތައް ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ޚާއްސަ ކޮށްގެން ހެދިދާނެކަމަށްވެސް ތައުލީމީ ވުޒާރާގެ ސާކިއުލާގައިވަނީ ބަޔާންކުރައްވާ ފައެވެ. އަދި މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތު ކުރުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށްވަނީ އަންގަވާފައެވެ.
މީގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތު ކުރުމަށް ބޭނުންކުރާ ކޮމިއުނިޓީ ގްރޫޕްތަކަށްވެސް މެސެޖުތައް ފޮނުވާ އެންމެ ލަސްގަޑިއަކީ ސްކޫލްގެ ކިޔެވުމުގެ ދަންފަޅި ނިމޭތާ 2 ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެދުމަށް ތައުލީމީ ވުޒާރާއިން ވަނީ ސްކޫލްތަކަށް އަންގާފައެވެ.
ތައުލީމީ ވުޒާރާގެ ސާކިއުލާގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަމުގައި އަންގާ އެންގުންތައް ބެލެނިވެރިންނަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ކުދިންގެ އުނގެނުމަށް ޒިންމާވާ ބަޔަކަށް އެކުދިން ހެދުމަށް މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ތަޢުލީމީ ވުޒާރާއިން މިފަދައިން ބަޔާންކޮށް ސްކޫލްތަކަށް ސާކިއުލާ ފޮނުވާފައި މިވަނީ ސްކޫލްތަކުން، ދަރިވަރުން ސްކޫލަށް ހާޒިރުވާ ދަންފަޅިއާ ދިމާކޮށް އެދުވަހެއްގައި ބޭނުންވާ ބައެއް ތަކެތި ހޯދުމަށް އަންގާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ މެދުގައި ބޮޑުވެ އެކަމަށް ހައްލެއް ގެނެސްދިނުމަށް އެދެމުންދާ ދަނޑިވަޅެއްގައެވެ.