ކުރިއަށް އޮތް އަޟްހާ އީދު ބަންދުގެ ތެރެއިން އީދު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
އަޟްހާ އީދު ދުވަހަކީ މި މަހު 16 އެވެ. އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އީދާ ގުޅިގެން އެ ހަފުތާ އެއްކޮށް ބަންދު ކޮށްފައިވާއިރު 16 ފިޔަވާ އެ ހަފުތާގައި ހިމެނޭ ހަތަރު ދުވަހުވެސް ޕާސްޕޯޓު ހިދުމަތް ލިބޭނެ ކަމަށެވެ.
މިހާރެކޭ އެއްގޮތަށް އެ ދުވަސްތަކުގައިވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަދި، ކުއްލި ހާލަތްތަކުގައި އަދި 65 އަހަރުން މަތީގެ މީހުން އިމިގްރޭޝަން އޮފީހަށް ގޮސްގެންވެސް އެ ދުވަސްތަކުގައި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށާއި އެގޮތަށް ހިދުމަތް ދޭން ހަމަޖެހިފައިވަނީ އެ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން ޕާސްޕޯޓާ ހަވާލުވުމަށް އެ ދުވަސްތަކުގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް އޮންލައިންކޮށް އަދި އިމިގްރޭޝަން އަށް ހާޒިރުވެގެންވެސް ނަމްބަރު ނެގޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އީދު ބަންދު އަދި ސްކޫލު ބަންދު ފަދަ ބޮޑެތި ބަންދުތަކާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތައް އެދޭ މީހުންގެ އަދަދު އިތުރުވެ އެވެ. މި ދުވަސްތަކުގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، އަވަސް ހިދުމަތަށް އެދޭ މީހުންގެ އަދަދުވެސް އާންމުކޮށް އިތުރުވެ އެވެ.

