ދިވެހި ޤައުމު ކުޑަނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހީން އަބަދުވެސް ތިބޭނީ ސާބިތުކަމާއެކުގައިކަން މުޅި ދުނިޔެއަށް ދައްކާދެމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯންގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ފަރާތުން ފަލަސްޠީނަށް ހަދިޔާކުރާ އެހީ ޙަވާލު ކުރުމަށް ޕީއެސްއެމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ރައީސް ފެއްޓެވި މި ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. ދިވެހީން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެ ކިތަންމެ ކުޑަނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދިވެހީން އަބަދުވެސް ދެގޮތެއްނުވެ ސާބިތުކަމާއެކު ތިބޭ ކަމަށެވެ.
“ވަރަށް ކުރީއްސުރެ ހަނދާންހުރޭ ފަލަސްޓީނަށްޓަކައި ދިވެހީން އަޑުއުފުލާ ހަނދާން. އެންމެ ގުޅިގެން ކުރެވޭ މަސައްކަތުގައި އުއްމީދު ކުރަނީ ފަލަސްޠީނުގެ މައްސަލައިގައި އަވަސް ޙައްލެއް ލިބިގެންދިޔުން.” ވަޒީރު ވިދާޅުވިއެވެ.
ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން ފަލަސްޠީނަށްޓަކައި ފޯރުކޮށްދޭ އެހީ ޕީއެސްއެމާއި ޙަވާލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ފަލަސްޠީނު މައްސަލައަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހީންނާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ފެށުނީއްސުރެ ދިވެހީންގެ އިޙްސާސްތަކާއި ގުޅިފައިވާ މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފައިސާއަކީ މާއްދީ އެއްޗެއް ކަމަށާއި މުސްލިމުންގެ ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރުކަން ފާހަގަ ކުރައްވާ ދުޢާކުރުން ގިނަ ކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
“އެއްކަމަކަށް، ބައެއްގެ ބިން ނުޙައްގުން ފޭރިގެންފައިވާކަން، އަނެއްކަމަކަށް، އިންސާނުންތަކަކަށް އެފަދަ ނިކަމެތި ޙާލު ޖެހިފައިވުން، އަނެއް ކަމަކަށް، މުސްލިމުންނަށްވީތީ އިސްލާމީ އުއްމަތުގެ ބަޔަކަށް އެފަދަ ވޭންތަކެއް ލިބެމުންދާއިރު ދުވަހުން ދުވަހަށް މިކަން ގޯހުން ގޯހަށް ނަސްލު ނެތެމުންދާއިރު މުޅި ދުނިޔެ ކަންބޮޑުވާންޖެހޭ މައްސަލައެއް މިއީ.” ވަޒީރު ވިދާޅުވިއެވެ.
ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕީއެސްއެމްއިން ކުރިއަށްގެންދާ މިޓެލެތޯނަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަންދަނީ ލިބެމުންނެވެ.

