ދަރިވަރުންގެ ބޭނުންތައް ފުއްދައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ލައިބްރަރީ އާއިއެކު ތައުލީމީ ދާއިރާއަށް ހުޅުވިގެން ދިޔައީ ފަހިމަގެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާރސިޓީ (އައި.ޔޫ.އެމް) ގައި ބޭއްވި ޑިޖިޓަލް ލައިބްރަރީ އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
” ޑިޖިޓަލް ލައިބްރެރީއާއެކު ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ފަހިވެގެންދާނެ “
މިނިސްޓަރު ވިދާޅުވީ ފޮތްތަކަކީ ތަޢުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާކަމަށާއި ތަފާތު ސަޤާފަތްތަކާއި އިންސާނީ ފިކުރާއި ޖަޒުބާތުތައް ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއްކަމަށެވެ. އަދި އައި.ޔޫ.އެމްގައި އިފްތިތާހު ކުރާ ޑިޖިޓަލް ލައިބްރަރީގެ ސަބަބުން ޔުނިވަރސިޓީގައި ހުރި ފޮތްތަކުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރައްވައި، މި ޑިޖިޓަލް ލައިބްރަރީއަކީ 21 ވަނަ ގަރުނުގެ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮއްފައިވާ ޕެލެޓްފޯމެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ، ޑިޖިޓަލް ޓެކްނޮލޮޖީ އައުމާއެކު މައުލުމާތު ހޯދުމާއި ބޭނުންކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަގާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގުކުޑަކޮށް، ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، އިލްމަށް ކުރުން ބޮޑުވާނެ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުނގެނުމާއި އުގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ވަސީލަތްތައް ޑިޖިޓަލް ލައިބްރަރީ ހެދުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.