ޢީދާ ގުޅިގެން މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ހަވީރު ބާއްވަނީ އެކްސެލް އިންޓަނޭޝަނަލް ސްކޫލާ ގުޅިގެންނެވެ. މި ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.
މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒާއި ކުޑަކުދިންގެ ބަގީޗާގައެވެ. ހަވީރުގައި ބައިވެރިވާ ކުދިންނަށް ހަދިޔާތައް ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ އަޟްހާ ޢީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަވީރެއް ކަމަށް އިސްލާމީ އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރުގައި ކުދިން ޝައުގުވެރިވާނެ ތަފާތު އެކި ކުޅިވަރުތައް ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ކުޑަކުދިންގެ ހަވީރު ބާއްވާ ގަޑިއަކީ މާލޭގައި ވެހިކަލް ދުއްވުން މަނާ ގަޑިއެކެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

