މައްކާއަކީ މި ބިންމަތީގައިވާ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި ބިމެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ﴾ (آل عمران: ٩٦)
މާނައީ: “ހަމަކަށަވަރުން މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި އަޅުކަމުގެ ގެއަކީ މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވައިފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.”
ޙަދީޘްފުޅެއްގައި ވާރިދުވެފައިވެއެވެ. މައްކާގެ ގޮވާމާއި މޭވާއާއި އަދި އެ ރަށުގެ ޞާޢާއި މުއްދުގައި ބަރަކާތްލެއްވުން އެދި އިބްރާހިމް عليه السلام ދުޢާކުރެއްވިއެވެ. (رواه الترمذي و صححه الألباني).
(*ނޯޓު: ޞާޢާއި މުއްދަކީ އެ ޒަމާނުގައި ގޮވާމުގެ ބާވަތްތައް ކިރާން ގެންގުޅޭ އާލާތްތަކެކެވެ.)
އަދިވެސް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. (صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ) [مسند أحمد وصححه الألباني]
މާނައީ: “ތިމަންކަލޭގެފާނުގެ މި މިސްކިތުގައި ކުރާ ނަމާދުގެ ޘަވާބު އެ ނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށް ވުރެ އެއް ހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލްޙަރާމްގައި ކުރާ ނަމާދުގެ ޘަވާބު އެ ނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށް ވުރެ އެއް ލައްކަ ގުނަ އިތުރުވެގެން ވެއެވެ.”
މައްކާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ތިޔައިން އަޚަކަށް އަދި އުޚްތަކަށް ލިބިއްޖެ ނަމަ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ މި ހަދީޘްފުޅުގައި ވަޢުދުކުރައްވައިފައިވާ އަޖުރު ހާސިލުކުރުމަށް ގަދައަޅާ މަސައްކަތްކުރާށެވެ.
މައްކާގެ މާތްކަމާއި ބަރަކާތްތެރިކަން އަދައިގެން ސަލަފުންގެ ބޭކަލުންނާއި ބޮޑެތި ޢިލްމުވެރީން ގިނަގިނައިން މައްކާއަށް ޒިޔާރަތްކުރައްވާ އުޅުއްވިއެވެ. އެ ބޭކަލުންނަށް މައްކާއަށް ވަޑައިގަނެވޭ ކޮންމެ ފަހަރަކު ހެޔޮ ޢަމަލުތަކުގެ މީޒާން ބަރުވާ ފަދަ ޞާލިޙް ޢަމަލުތައް ގިނަކުރާން ހިއްމަތްކުރެއްވިއެވެ. މީގެ އެއް މިސާލަކީ އިބްނުލް ޤައްޔިމް رحمه اللهއެވެ. އެބޭފުޅާ މައްކާގައި ހުންނެވިއިރު ގިނަގިނައިން ނަމާދުކުރެއްވިއެވެ. ޠަވާފުކުރެއްވިއެވެ. ޤުރުއާން ތިލާވަތުކުރެއްވިއެވެ. ފޮތް ލިޔުއްވުމުގެ މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ގިނަގިނައިން ޒަމްޒަމްފެން ހިއްޕެވިއެވެ.
މައްކާއަކީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ބިމެވެ. އަދި އެކަލާނގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ވެސް އެންމެ ލޮބުވެތި ބިމެވެ.
ހިޖުރައިގެ ވަގުތުގައި މައްކާގެ މާތް ބިމާ މުޚާޠަބުކުރައްވައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައިވެއެވެ. “والله إنكِ لخيرُ أرضِ اللهِ، وأَحَبُّ أَرْضِ الله إلى الله، ولولا أنِّي أُخْرِجْتُ مِنْكِ ما خَرَجْتُ” (الترمذي وابن ماجه وأحمد)
މާނައީ: “މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާއަކީ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިމެވެ. އަދި މާތް ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ބިމެވެ. ހަމަކަށަވަރުން ތިބާގެ އަހުލުވެރީން ތިމަންކަލޭގެފާނު ތި ރަށުން ބޭރު ނުކުރި ނަމަ، ތިމަން ކަލޭގެފާނު ތި ރަށް ދޫކުރައްވައި (ހިޖުރަކުރައްވައި) ވަޑައިނުގެންނެވީމުހެވެ.”
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު