މައްކާގެ ބިމަށް އާދަޔާ ޚިލާފަށް ހޫނު ދުވަސްތަކަކަށް ފަހު އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހި ހައްޖާޖީންނަށް ހަމަޖެހިގެން ފިނީގައި އަޅުކަން ފުރިހަމަކުރުމަށް ފުރުސަތު ލިބިއްޖެއެވެ.
މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް މައްކާ ބިމުގެ ހޫނުމިން ވަނީ ބައެއް ހަބަރުތަކުން ބުނެފައިވާ ގޮތުގައި (ހައްޖު ދުވަހު އަރަފާތު ބިމުގެ) 48 ޑިގްރީ ސެލްސިއަސް (120 ޑިގްރީ ފެރަންހައިޓް) އަށް އަރައިފަ އެވެ.
މައްކާގެ ހޫނުމިން އިއްޔެ ވަނީ 51.8 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފެރަންހައިޓް( އަށް އަރައިފަ އެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހީޓް ސްޓްރޯކް ޖެހިގެން ވަނީ 19 މީހަކު މަރުވެފަ އެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި 2،700 އަށް ވުރެ ގިނަ ހައްޖާޖީންނަށް ވަނީ ފަރުވާ ދީފަ އެވެ.
ނަމަވެސް މައްކާ ހިމެނޭ ސަރަހައްދުގެ މޫސުން އިއްޔެ ކުއްލި ގޮތަކަށް ބަދަލުވެ، ރަހުމަތުގެ ވާރޭ ވެހި, ހައްޖާޖީންނަށް ވަނީ ހިތްހަމަޖެހުމާއެކު އަޅުކަން ފުރިހަމަކުރުމަށް ފުރުސަތު ލިބިފަ އެވެ.
އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން އިއްޔެ ހެނދުނު 11 އިން ހަވީރު 4 އަށް، ޖަމްރާ އަށް ހިލަ އުކުމަށް ޖަމްރާ ބްރިޖަށް ހައްޖުވެރިން ނުދިއުމަށާއި ހައްޖުވެރިން ބޭރަށް ނުނިކުންނަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެހެންނަމަވެސް ވަރަށް ގަދަ ހޫނުކަށް ފަހު ކުއްލިއަކަށް މޫސުން މިވަނީ ބަދަލުވެ ވެވުނު ވާރޭގައި މައްކާއަށް ފިނިކަން ގެނެސްދީފައެވެ.

