ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ޕީއައިސްއައިޕީ މަޝްރޫއުތަކުގެ 50 ޕަސެންޓު ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައިޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެ މަނިކުފާނު އިންތިހާބުވެވަޑައިގަތުމުގެ ކުރިން ވެސް ވިދާޅުވި ގޮތަށް އެ މަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަމަށެވެ.
ނަވާރަ ވަނަ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވާ ބަޖެޓުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ނުކޮށްދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން މަޝްރޫއުތަކަށް އިސްކަން ދޭނޭ ބަޖެޓެއް ފާސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް ހާއްސަކުރާ އަދަދުތަކުގެ ދެ ބައިކޮށްފައި އެއްބައި ނުވަތަ 50 ޕަސަންޓް ހާއްސަ ކުރާނީ ހައުސިން މަޝްރޫއުތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“މަދުވެގެން 50 ޕަސެންޓު ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން، ދުވަހަކު ވެސް ކުރި ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ދަތިތަކެއް ހުރި ނަމަވެސް ހައުސިން މަޝްރޫއުތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލާނެ ކަމަށެވެ. އަދި ސަރުކާރުގެ އިގުތިސޯދީ އެޖެންޑާގެ ތެރެއިން ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް ތިނެއް އަދި ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.