ކައުންސިލަރުން އެފަރާތުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާކަމަށާއި، އެކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދަދެވޭނީ ކައުންސިލަރުންނަކީ ތަމްރީނު ލިބިފައިވާ ބަޔެއްކަމަށް ހެދިގެން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން ޑރ. ޒުލްފާ ވިދާޅުވީ އެމްކިޔުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަ ނުކޮށް ލޯކަލް ކައުންސިލްތަކުގައި ބައިވެރިވެގެން ހޮވޭ ކައުންސިލް އެމެމްބަރުން ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން އެބައޮތްކަމަށެވެ.
ޒުލްފާ ފާހަގަކުރެއްވީ އެލްޖީއޭގެ ވިސްނުމަކީ އެމްކިޔުއޭ އެކްރެޑިޓެޑް ކޯހެއް ކައުންސިލަރުން ފުރިހަމަކުރުން ކަމަށާއި، އެހެންނޫން ކަމުގައިވާނަމަ ހުވާކުރުމުގެ މަރުޙަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދޭނެ ކަމަށެވެ.
” މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވާތީ ރައްޔިތުން އެދޭ ކަންކަން އެޖެންޑާ ނުކޮށްދެއްވާ.” ޒުލްފާ ވިދާޅުވިއެވެ.
މީގެ އިތުރުން ޒުލްފާ ފާހަގަކުރެއްވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުންނަށް ތަމްރީން ދިނުން ވެސް ވަރަށް މުހިންމު ކަމަށެވެ.
އެ ގޮތަށް އެކަން ކޮށްފިނަމަ އޭރުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް ފަހުމްވެ އެނގޭ ކައުންސިލަރުންކަން ރައްޔިތުންނަށާއި، މަސައްކަތުގެ ތެރެއިންވެސް ކަށަވަރު ކުރެވޭނެކަމަށެވެ.