للهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއްނޫން ކަމަށާއި ވަކީލުކޮށްފި މީހަކަށް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނެ ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގައި ބުނެފައިވަނީ اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅު ކަމަށެވެ. އަދި ހެޔޮއަމަލު ގިނަކުރުމާއި އެކު މާތް ﷲ އެންގެވި ގޮތުގައި ސާބިތުވެ ހުންނަން ޖެހޭ ކަމަށެވެ. ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ދުނިޔެވީ ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު، ދެމިތިބުމަށް ޢަޒުމު ކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ ވެވުނުހައި މަސައްކަތެއްކުރުމަށްވެސް ވަނީ އަންގަވާފައެވެ.
ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވާ ކަމަށާއި، މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހެއް ކަމަށެވެ. އެއީ އާޝޫރާ ދުވަސް ކަމަށާއި، ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާ ކަމަށެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވާފައިވާ ކަމަށާއި އެދުވަހުގެ ކުރިން އެއް ދުވަހު ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުން ވެސް ސުންނަތް ވެގެންވާ ކަމަށެވެ.
“ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައިވެސް ހުތުބާގައި ވަނީ ބުނެފައި ވެއެވެ.
އަންނަ އާދިއްތަ ދުވަހަކީ މުހައްމަރަމް މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން މުހައްރަމް މަހުގެ ހެޔޮކަން ލިބިގަތުމައްޓަކާ އާޝޫރާ ދުވަހުގެ ރޯދަ ހިފުމާއި ހެޔޮއަމަލުތައް ގިނަ ކުރުމުގައި ސާބިތުވެ ތިބުމަށް ހުތުބާގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

