ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ ރަސްމީ މަޝްވަރާތަކުގައި ” ވަން ޗައިނާ ޕޮލިސީ ” ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިނިސްޓަރު ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި މަޝްވަރާތަކުގައި، ޚާރިޖީ ވަޒީރު ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ “ވަން ޗައިނާ ޕޮލިސީ” ދަމަހައްޓާނެކަމުގެ ޔަޤީންކަމުގެ އިތުރުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.
އަދި މިނިސްޓަރު ޒަމީރު ވަނީ ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދީ މުހިންމު ބޮޑެތި މަޝްރޫޢުތައްކަމަށްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވައި މިމަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޔަޤީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް ދެ ގައުމުންވެސް ވަނީ މި ބައްދަލުވުމުގައި އެއްބަސް ވެފައެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓަރުގެ އަރިހުގައި ، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އާއި، އިމާރާތް ކުރުމާއި ބިނާރާ ބެހކޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބްގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.