ޢާއިލީ ވެއްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި، އެ ޙައްޤުން ޢާއިލާގެ މެންބަރަކު މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުކުރު ޙުތުބާ އަލިއަޅުވާލާފައިވަނީ އާއިލީ ގުޅުންތަކުގެ މައްޗަށެވެ.
އެގޮތުން ޢާއިލާއެއް ފެށިގެން އަންނަނީ މަތިވެރި ގުޅުމަކުން ކަމަށާއި، ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރާންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެއް ކަމަށެވެ. މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތަކާއި ވާޖިބުތައްވެސް ކަމަށެވެ
ޢާއިލާގެ ތެރޭގައި ތަޢުލީމާއި ނަފްސުގެ ކުރިއެރުމަށް ހިތްވަރުދީ، ހުނަރާއި ޢިލްމު ތަރައްޤީކުރުމަށް ހޭދަކުރުމަކީ، ދިރިއުޅުމުގައި ކާމިޔާބީއަށް ވާޞިލްވާން އެހީތެރިވެދޭ ބާރެއްކަމަށާއި، ޢާއިލާގެ ކޮންމެ މެންބަރަކަށް ޅަފަތުން ފެށިގެން ވިސްނައިދޭން ޖެހޭ ކަމަށެވެ.ތިބާއަށް ﷲ ދެއްވާ މުދަލާއި ތަނަވަސްކަމަކީ ހަމައެކަނި ތިބާގެ މިލްކެއް ނޫން ކަމަށެވެ.
ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން އެބަދާ ކަމަށާއި، ސަރުކާރުގެބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި ވެސް އެބަތިއްބި ކަމަށެވެ. މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. ޢާއިލީ ވެއްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއްްގެ އިތުރުން އެ ޙައްޤުން ޢާއިލާގެ މެންބަރަކު މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެެއް ކަމަށެވެ.
ޚާއްޞަކޮށް ޢުމުރުން ދުވަސްވީ ޢާއިލީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާތަކުގެ އަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ވަނީ ފާހަގަކޮށްފައި ވެއެވެ.
މި ގޮތުން މިކަންކަމާމެދު މެދު ފުންކޮށް ވިސްނައި، ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންނަށް ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހޭ ކަމަށްވެސް ޙުތުބާގައިވަނީ އެދިލައްވާފައެވެ.
.

