ތިނަދޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކާ އެ ސިޓީގައި ހިނގާ ސްކޫލް، ޤުރުއާން ކްލާސް އަދި ޖަމްޢިއްޔާ ތަކަށް އެކަނި ބައިވެރިވެވޭގޮތް ގޮތަށް ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން ދިޔަ ޤުރުއާން މުބާރާތް މުޅި ގދ އަށް ފުޅާކޮށް ރަށުން ބޭރަށް ފުރުސަތު ހުޅުވާލައިގެން ތިނަދޫ ސިޓީ ކައުންސިލުން ޤުރުއާން މުބާރާތް އެ ސިޓީގައި ރޭ ފަށައިފިއެވެ.
ޖުމްލަ 3 ބައިވެރިންނާއި އެކު 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ތިނަދޫ ސިޓީ އިން ބޭރު 2 ރަށަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ގދ ވާދޫ އަދި އެ އަތޮޅު ހޯނޑެއްދޫ ސްކޫލްގެ 13 ދަރިވަރުން ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.
މުޅި މުބާރާތުގައި ބަލައިގެން ކިޔުމުގެ ބައިން 131 ފަރާތަކުން އަދި ނުބަލައި ކިޔުމުގެ ބައިން 75 ފަރާތަކުން ބައިވެރި ވެފައިވާއިރު ޙާފިޒްގެ ބައިން ބައިވެރިވެފައިވަނީ އެންމެ ފަރާތެކެވެ.

ތިނަދޫ ސިޓީ ކައުންސިލް ޤުރްއާން މުބާރާތުގައި ޖަޖުން ޖަޖު ކުރައްވަނީ/ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2024 ގައި ޖަމްޢިއްޔާ ޖަމާއަތް ތަކުގެ ބައިގައި 15 ފަރާތަކުން ބައިވެރިވި އިރު އަމިއްލަ ގޮތުން 8 ފަރާތެއް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުގައި 11 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ތިނަދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމު (ކުރީގެ އާބާދީ މަރުކަޒު) ގައި ކުރިޔަށް ދާ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނިންމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ތިނަދޫ ސިޓީ ކައުންސިލް ނަމުގައި މިހާރު ކުރިޔަށް ގެންދާ އެ މުބާރާތް މީގެ ކުރިން ހިންގާފައި ވަނީ ގދ ތިނަދޫ ރަށު އޮފީހުގެ ނަމުގައެވެ. އޭގެ ފަހުގައި އެ އޮފީހުގެ ނަމަށް ގެނެވުނު ބަދަލާއެކު ދެން ކުރިޔަށް ގެންގޮސްފައި ވަނީ ތިނަދޫ ކައުންސިލް ނަމުގައެވެ.

ތިނަދޫ ސިޓީ ކައުންސިލް ޤުރްއާން މުބާރާތް 2024 ގައި ބައިވެރިވާ ގދ ހޯޑެއްދޫ ސްކޫލްގެ ދަރިވަރުންނަށް މަރުޙަބާ ދެންނެވުން./ ފޮޓޯ : ތިނަދޫ ކައުންސިލް
އޭގެ ފަހުގައި ތިނަދޫ, ސިޓީ އަކަށް ބަދަލު ވުމާއެކު މިއަހަރުގެ އެ މުބާރާތް ކުރިޔަށް ގެންދަނީ ތިނަދޫ ސިޓީ ކައުންސިލް ގެ ނަމުގައެވެ.
ތިނަދޫ ގައި ބާއްވާ އެހެނިހެން ޤުރުއާން މުބާރާތްތައް ފަދައިން ސިޓީ ކައުންސިލް ޤުރުއާން މުބާރާތަކީ ވެސް ވަރަށް ގިނަ ބަޔަކު ޝައުޤުވެރިކަންދޭ ފެންވަރު ރަނގަޅު މުބާރާތެކެވެ.
އެ މުބާރާތުގެ 1ވަނަ ވަނަ ޙާސިލު ކުރާ ފަރާތްތަކަށް ޢުމްރާ ދަތުރުތަކާއެކު އަގު ބޮޑު އިނާމުތައްވެސް ދޭން ވަނީ ހުށަހަޅާފައެވެ.