މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މިއަހަރު ކުރުމަށް ނިންމާފައިވާ މުހިންމުކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާކޮށްފިއެވެ.
އެކޮމިޓީ އިން ކުރަން ނިންމާފައިވާ މުހިންމު ކަންކަން ރައީސް އާއި ހިއްސާކޮށްފައިވަނީ އެ ކޮމިޓީގެ މެންބަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ހިއްސާ ކުރުމުގެ އިތުރުން އެ ކޮމިޓީގެ މެންބަރުންގެ ކަންކަން ވެސް ހިއްސާކޮށްފައިވެއެވެ. އެ ގޮތުން އެ ކޮމިޓީ އިން ބުނެފައިވަނީ އެބޭފުޅުން މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައިނެތުންކަމުގައެވެ. އަދި މި ބައްދަލުވުމުގައި އެ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މެންބަރުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަން ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން ނުލިބުން ކަމަށާއި އެކަންކަމަކީ ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ “އެފިޝަންޓް” ވާނެގޮތަށް ކަމަށާއި އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލު ކުރެއްވުމުގެ ކުރިން ރައީސް ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

