ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މެއި ، ޖޫން މަހުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާދޫކުރަން ފަށާއިފިއެވެ.
ޑީޕީއީ އިން ހާމަކޮށްފައިވާ ގޮތުގައި 257 ސެންޓަރުގައި ހެދި އެސްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ. އަދި އިމްތިހާނުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސުމަށް ވެސް އެ ޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ.
މެއި ޖޫން ގައި އޯލެވެލް ހެދި ދަރިވަރުންނަށް މާލެ އާއި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްސީ އަށް ވަނުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލާފައިވެއެވެ.
މެއި ޖޫން އޯލެވެލް އިމްތިހާނުގައި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 7،501 ކުދިން ބައިވެރިވެފައިވެއެވެ. އެއީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިން ކަން ފާހަގަކޮށްލެވެއެވެ.

