ރާއްޖޭގައި ހެލިކޮޓަރުގެ ހިދުމަތް ދިނުމަށް ބައިނަލްއަޤްވާމީ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރުމާއެކު އެ ފުރުސަތަށް އެދިފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދަތުރުފަތުރުގެ ސިޔާސަތުތަކައި ގުޅޭގޮތުން ދައުލަަތުގެ މީޑިޔާގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ، އިނގިރޭސިވިލާތުގެ ވަރުގަދަ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުގައިކަމަށެވެ.
މި ޚިދުމަތް ދިނުމަށް ހަދާފައިވާ އުސޫލުގައި ކޮންމެ ހެލިކޮޕްޓަރެއްވެސް ޚިދުމަތް ދިނުމަށް ހުއްދަ ދޭނީ، ސަރުކާރުގެ ބޭނުންތަކަށް ސިއްޙީ ކުއްލި ޙާލަތްތަކަށް އަދި ހާދިސާތަކުގެ ޙާލަތުގައި ސަރޗް އެންޑް ރެސްކިއުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެގޮތަށް ކަމަށާއި އެއްބަސްވުން ގާއިމުކުރުމުގައިވެސް މިކަންކަން ހިމަނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މީހުން ހޯދަން ގެޒެޓްކުރީމަ 36 ފަރާތުން ކުރިމަތިލި. ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުން ކުރިމަތިލި. މިހާރު ކުރިއަށްދަނީ ޚިދުމަތްދޭނެ ފަރާތްތައް ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް. ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ.” ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިޢުލާންކުރީ މިމަހުގެ 6ވަނަ ދުވަހުއެވެ. އަދި އެ މުއްދަތު ހަމަވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

