ތިނަދޫސިޓީގައި ދިރިއުޅުމަށް އުއްމީދު ކުރާ ރާއްޖޭގެ ކޮންމެ ހިސާބެއްގައި އުޅޭ ކޮންމެ ފަރުދަކަށްވެސް އެދެވޭ ގޮތަށް ހަމަޖެހިފައިވާ، ތިނަދޫސިޓީގައި އިމާރާތް ކުރަމުންދާ ދުއިސައްތަ ހައުސިންގ ޔުނިޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ތިނަދޫސިޓީ ކައުންސިލުން ވަނީ އެސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ. ގެޒެޓުގައި ބުނެފައިވާ ގޮތުގައި މި 200 ހައުސިންގ ޔުނޓް އިމާރާތްކުރަމުންދަނީ ތިނަދޫ ސިޓީ ކައުންސިލާއި، ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުންނެވެ.
މި ހައުސިންގ ޔުނިޓުތައް ދޫކުރަން ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީއަށް ޙިޖުރަކުރަން ބޭނުންވާ އެހެނިހެން ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށްގެންކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައި އެވެ.
އެގޮތުން 200 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާއި، ފޯމް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު 01 ސެޕްޓެމްބަރ 2024 އިން ފެށިގެން ހުޅުވާލެވޭނޭކަމަށް އެއިއުލާނުގައި ވަނީ ބުނެފައި އެވެ.
2022 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫއުގެ 30 އިން ސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު މި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރަން 253.9 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއަކާ އެވެ. ތިނަދޫގައި އަލަށް ހިއްކި ބިމުގައި އިމާރާތްކުރާ މި ހައުސިންގ ޔުނިޓަކީ 700 އަކަފޫޓުގެ ހައުސިން ޔުނިޓެވެ.
މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާ ގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ އެވެ.