ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތިތައް ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކެއް ކަމަށްވާ ފަހި ޔޫނިއަންއާއި ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަނާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީއާއި މާލޭ ރަށްވެހިންގެ ޖަމްއިއްޔާއާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.
އެ ބައްދަލުވުމަށްފަހު ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުގެ މެންބަރުން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ކަނޑާފައި ވީހާވެސް އަވަހަކަށް އެ ގޯތިތައް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
އަޅުގަނޑުމެންނަށް ޓައިމްލައިނެއް ވެސް ދެއްވާފަވަނީ. އެ ޓައިންލައިން އަޅުގަނޑުމެންގެ މެންބަރުންނާ ހިއްސާކޮށް މިކަމުގަ ކުރިއަށްދާން. އެހެންވީމަ މި ކޮންޓިނިއުވާނެ ކަމާއި އިތުރު ޗޭންޖެއް ސްކީމަށް ނާންނާނެކަމުގެ އެޝުއަރަންސް އަދި ޓްރަސްޓް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް.
މީގެއިތުރުން ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަނުން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައި ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު އެންމެންގެ ރަޖިސްޓްރީގެ ކަންކަން މިއަހަރު ނިމުމުގެ ކުރިން ނިންމައި އަންނަ އަހަރު އެ ފަޅު ހިއްކައި ނިންމަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.