މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.
މަައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގެ ފުރިހަމަކަމަށް ތައުރީފު ކުރައްވައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވީ ރައީސް ޑރ މުއިއްޒު ދެއްކެވީ ވަރަށް ބާރުގަދަ އަދި ވަރަށް ހިތްވަރުލިބިދޭ ވާހަކަފުޅުތަކެއް ކަމަށާއި އެކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ.
“ރައީސް ޑރ މުއިއްޒު، މިއަދު ދެއްކެވި ބާރުގަދަ އަދި ނުހަނު ހިތްވަރު ލިބިދޭ ވާހަކަފުޅަށްޓަކައި މަނިކުފާނަށް މަރުޙަބާ ދަންނަވަން. ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވައިފީމު، ސަރ!” ކުރީގެ ރައީސް މައުމޫނުގެ އެކްސްޕޯސްޓުގައި (އިނގިރޭސިން) ވިދާޅުވެފައިވެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގެންނެވުމުން ވަރަށް އުފާފުޅުވި ކަމަށާއި އެހެންނަމަވެސް ޖަލްސާ ނިންމާލުމަށްފަހު ރައީސް ޑރ މުއިއްޒުގެ ދެކަނބަލުންނާ ޖަލީސުން ސަލާމް ކުރަމުން ދިޔަ ވަގުތު، ސަލާމް ކުރަން ހާޒިރުވި މީހުންގެ ތެރެއިން ބައެއް ފިރިހެނުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، އަދި މެޑަމް ސާޖިދާ މުހައްމަދާ ސަލާމް ނުކުރެއްވުމުން ދެރަފުޅުވި ކަމަށް ވެސް މައުމޫނުގެ އެޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
“ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށް އުފާވި، ހަމަ އެއާއެކު ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވި ތަން ފެނުމުން ވަރަށް ދެރަވި،” ރާއްޖޭގެ ތާރީހުގައިވެސް އެންމެ ދިގު މުއްދަތެއް ދިވެހި ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫން ވިދާޅުވިއެވެ.
ބައެއް، ދީނީ އިލްމުވެރިންގެ ރައުޔުގައި އިސްލާމްދީނުގައި ހިލޭ ފިރިހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އޮންނާތީވެ، އެގޮތުގެ މަތީން ބައެއް ބޭފުޅުން މެޑަމް ސާޖިދާއާއި ސަލާމް ނުކުރެއްވީކަމަށް ވުންވެސް އެކަށީގެންވެއެވެ.
ރައީސް މައުމޫންގެ އެ ޕޯސްޓަަށް، ކޮމެންޓު ކުރައްވައި ރައީސް ޑރ މުއިއްޒު ވަނީ މައުމޫނުގެ ބަސްފުޅަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ޑރ މުއިއްޒު ވަނީ ވަރަށް މުހިންމު ނަސޭހަތްތަކާއި އިރުޝާދުތައް ދެއްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ގައުމެއްގެ ގައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސްކަމަށާއި، މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާކަމުގައެވެ.
އަދި ވިދާޅުވީ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއްކަމަށާއި، ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއްކަމަށެވެ. ހަމަ އެއާއެކު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީވެސް ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.