އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި ގިނަވެފައިވާ ކަމަށާއި، މަރުވުމަށްފަހު ނުފުއްސަވާ ހަމައެކަނި ފާފައަކީ ޝިރުކު ކުރުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ އަލި އަޅުވާލާފައިވަނީ ޝިރުކް ކުރުމާ ދުރުހެލިވުމުގެ މައްޗަށެވެ.
އެގޮތުން ޚުތުބާއި ބުނެފައިވަނީ މަރުވުމުގެ ކުރިން ތައުބާނުވާ ނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމަ އެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށެވެ. އެހެންކަމުން އެކަމުން ދުރުވެ ތިބެންޖެހޭ ކަމަށެވެ. އަދި الله، އެކަލާނގެއަށް ޝަރީކުކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެ ކަމަށް ވަހީކުރައްވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވާނެ ކަމަށެވެ.
ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫން ކަމަށާއި، އަދި ހަމައެކަނި އެފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫން ކަމަށެވެ. ” “އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ” ޙުތުބާ
ރަސޫލުﷲ z ދުނިޔެއަށް ވަޑައިގަތީ ދުނިޔޭގައި ޝިރުކުގެ ޢަމަލުތައް އިންތިހާއަށް ގޮސްފައިވި ދުވަސްވަރެއްގައި ކަމަށާއި، އިންސާނުން ދިޔައީ އެ މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމުގެ ބަދަލުގައި، އެ މީހުންގެ އަމިއްލަ އަތުން ކޮށައި މަށައިގެން ހަދައިފައިވާ ހިލަތަކަށާއި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރަމުންނެވެ.
އިންސާނުން އެންމެހައި މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައި ދެއްވި ސިކުނޑީގެ ބޭނުންކުރަމުން ދިޔައީ އެ ތަކެއްޗަށް ސިކުނޑި ދެއްވައިފައި ނުވާ، އެތައް ދަރަޖައެއް ދަށް، ޙައިވާނުންނެކޭ އެއްފަދައިން ކަމަށެވެ.
ުމުސްލިމުން ކަންތައްކުރަންވާ ގޮތް އަހަރެމެންގެ ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިވާ ކަމާށާއި، އަހަރެމެން މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ zގެ ޙަދީޘްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަތުމަށް ވެސް ވަނީ އަންގަވާފައެވެ.

