ކޮޓަރިއަށް ދައުވަތުދީ ފިރިހެނަކު ރަހީނު ކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު އަންހެން މީހާއާއާ ބައިވެރިވި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބަންދަށް ޖެހީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމެވެ. އުމުރުން 41 އަހަރުގެ މި މީހާ ބަންދުކުރީ 15 ދުވަހަށެވެ.
ކޯޓު އަމުރުން އެނގޭ ގޮގުގައި ފޭރުނު ފައިސާ ޖަމާކުރީވެސް އެ ފިރިހެން މީހާގެ އެކައުންޓަށެވެ. އަދި އޭނާއަކީ މިފަދަ ކުށްކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ފިރިހެނަކު ރަހީނު ކުރުމަށްފަހު ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ކުންނާރުމާގޭ އާއިޝަތު މަލްޖާ މޫސާ ދީދީ، 27 އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، މިކަން ހިނގީ މިދިޔަ އޮގަސްޓް މަހު 26 ވަނަ ދުވަހު ރޭގަނޑު 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން އަންހެނަކު ފިރިހެނެއް ހުއްޓުވައި ކޮޓަރިއަކަށް ގެންގޮސްގެން ކަމަށެވެ. އޭނާ ގެންދިޔައީ މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސަކަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެމީހާ ކޮޓަރިއަށް ގެންގޮސް، އަންހެންމީހާ އާއި އެހެން ފިރިހެނަކު ގުޅިގެން، ގެންދިޔަ ފިރިހެން މީހާގެ ފޯނު، ކޭޝް ކާޑު އަދި 53،000 ރުފިޔާ ފޭރިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.