އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދ. ކުޑަހުވަދޫގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އުފާވެރި ރާސްތާ” ޕްރޮގްރާމް މިއަދު ބާއްވައިފިއެވެ.
އެ ޕްރޮގްރާމުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިން ބައިވެރިވެފައިވެއެވެ. އުފާވެރި މާހައުލެއްގައި އެކި ހަރަކާތްތަކާއި އެކު ކުރިއަށް ގެންދެވުނު އެ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

އިސްރަށްވެހިން ނާދީން ކުރިއަށްދާ ހަރަކާތުގެ ތެރެއިން ދ. ކުޑަހުވަދޫގެ އިސްރަވެހިން އުފާވެރި ރާސްތާ ޕްރޮރުރާމްގެ ތެރެއިން/ފޮޓޯ : އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އުފާވެރި ރާސްތާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ، ރަނގަޅު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ދަސްވެގެންދިޔައެވެ. އަދި އެމީހުންނަކީ މުޖުތަމަޢުއަށް މުހިންމު ބައެއްކަމުގައި އިހުސާސް ކުރެވުނު ކަމުގައި ހުރިހާ ބައިވެރިންވެސް ފާހަގަކޮށްފައިވެއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވި އިސްރަށްވެހިން ފާހަގަ ކުރިގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ފަރުވާތެރިކަމާއެކު އެކި ކަންކަމަށް ދުވަހުގެ ވަގުތުތައް ބަހާލައި، އިންތިޒާމުކުރަންވެސް ދަސްވިއެވެ.އަދި ޞިއްޙަތަށް ފައިދާ ހުރި ކާނާކެއުމާއި، ކަސްރަތު ކުރުމާއި، އިޖްތިމާއި އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ފައިދާހުރި އިރުޝާދުތަކެއް ލިބުނުކަމަށް ބުނެފައިވެއެވެ.