ކާރެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސުލް އުފާ ރިދޯއި (30އ) އެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހުއްޓުވައި އޭނާ ފޭބިކަމަށް ތުހުމަތުކުރެވޭ ކާރު ބަލައި ފާސްކުރުމުން އެ ކާރުގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅި ފެނިފައިވެއެވެ.
އޭނާއަކީ ހައްޔަރާއި ބަންދުގެ ލޮގް އޮތް މީހެއް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

