ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދަން ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލުމަށް އެޗްޑީސީން ވަނީ ހުޅުވާލައިފަ އެވެ. ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް ދޫކުރާ ޕާކިން ޖާގަތަކަށް އެ ކުންފުންނިން ކަނޑައަޅާފައިވާ ކުއްޔަކާ 2،000 ރުފިޔާގެ އަގެކެވެ.
ޕާކިން ޖާގަތައް ދޫކުރަން ނިންމާފައިވަނީ އެއް އަހަރަށެވެ. އަދި އުމުރުން 18 ފުރިފައިވާ ކޮންމެ ދިވެއްސަކަށް ވެސް ޕާކިން ޖާގައަށް ކުރިމަތިލެވޭނެ އެވެ.
ޕާކިން ޖާގައަށް ހުށަހެޅޭނީ މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަ މީހުންނަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޕާކިން ހޯދަން ހުށަހަޅާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެޗްޑީސީން ނިންމާފައިވަނީ ޕާކިން ސްލޮޓުތައް ދޫކުރުމުގައި ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ފުރަތަމަ އިސްކަންދިނުމަށެވެ.
ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު:
- ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
- ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
- މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން
ޕާކިން ޖާގަތައް ދޫކުރަން ނިންމާފައި ވަނީ އެ ޖާގަތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ލައިގެންކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލެއިން ދޫކުރާ ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.