މާލެ ސިޓީގައި ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ވަނީ ދަތިވެފައެވެ. އަދި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.
މި ކަންކަން ހައްލުކުރުމަށާއި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ފަހިކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށް ކުރެވެން ހުރި ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
މި މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް ވަނީ އަންގާފައެވެ.