މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަގުސަދުގައި އެކުލަވައިލާ މަސްވެރިންގެ ގައުމީ ދަފުތަރުގައި މިހާތަނަށް ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ އޮޑިފަހަރުގެ ތެރެއިން %53 އޮޑިފަހަރު ރަޖިސްޓްރީކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަޙްމަދު ޝާފިޢު މިއަދު ”ހުވަދޫ” އަށް ވިދާޅުވީ މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތުގައި މިނިސްޓްރީގެ ޓީމުތަކުން މިހާރު 14 އަތޮޅެއްގައި ހަރަކާތްތެެރިވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް ބައެއް އަތޮޅުތަކުގައި ޓީމުތަކުން ހަރަކާތްތެެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާފިޢު ވިދާޅުވީ މަސްވެރިންގެ ގައުމީ ދަފުތަރުގައި މިހާތަނަށް ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ އޮޑިފަހަރުގެ ތެރެއިން %53 އަށްވުރެ ގިނަ އޮޑިފަހަރު މިހާރު ރަޖިސްޓްރީކޮށްފައިވާ ކަަމަށެވެ.
މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިނިސްޓްރީގެ އަމާޒަކީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުމެވެ.
މަސްވެރިންގެ ގައުމީ ދަފުތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1 އޮކްޓޫބަރު އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުހަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަގީންކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.