ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފުލާގެ ޝަރަފުވެރިކޮށްދެއްވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް އެ ސިޓީއަށް ވަޑައިގެންފިއެވެ.
ވަޒީރު ފައިޞަލާއެކު މި ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވެސް ފުވައްމުލަކަށް ވަޑައިގެންނެވިއެވެ.
މި ބޭފުޅުންނަށް ފުވައްމުލަކު އެއާޕޯޓުން މަރުހަބާ ދެންނެވީ ެއެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީއާއި ކައުންސިލަރު މުޙައްމަދު އިސްމާޢީލާއި ކައުންސިލަރު އާމިނަތު އިނާޔާއާއި ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރުގެ އިތުރުން ކައުންސިލްގެ ސީނިއަރ މުވައްޒަފުންނެވެ.

ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހު ފުވައްމުލަކުގައި. ފޮޓޯ: މުޙައްމަދު އަޒްމަތު
ވަޒީރު ފައިޞަލް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގައި ފަތުރުވެރިިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފުލާގައި އެ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

