ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިހާރު ސައޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ސަޢީދެވެ. ސައޫދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ކޮމާސް، މަޖީދު ބިން ޢަބްދުﷲ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުގައި ދެ ގައުމުގެ ދެމެދުގައި އޮތް އިިގުތިސާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖެއާއި ސައޫދީއިން އެމްއޯޔޫއެއްގައި ސޮއިކުރުން. ފޮޓޯ: މަޖީދު ބިން ޢަބްދުﷲ/އެކްސް
މިނިސްޓަރު ސައީދު ސައޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ގެންދަވަނީ އެ ގައުމުގެ އިސް ބޭފުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވަމުންނެވެ.