ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ރޭ 12:00 ގައި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބައްސާމަށް އަންގާފައިވަނީ އަމީން އެވެނިއު އިން އޭނާ ގަތް އޭ1205 އަދި އޭ1206 އެޕާޓްމަންޓު ހަވާލުކުރުމަށެވެ. މިރޭ 12:00 ގެ ކުރިން އެ ދެ އެޕާޓުމަންޓު ހުސްކޮށް، ހަވާލުކުރުމަށް ފުލުހުން ފަހުގެ އިންޒާރު ދީފައިވަނީ އިއްޔެއެވެ.
ފުލުހުން ރޭ ނެރުނު ބަަޔާނެއްގައި ބުނެފައިވަނީ އެ ދެ އެޕާޓްމަންޓު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 10:58 އިން ފެށިގެން 136 ގަޑިއިރުގެ ތެރޭގައި ހުސްކޮށްދޭން ބައްސާމަށް އެދުމުން، އިތުރު މުއްދަތެއް ހޯދުމަށް އޭނާ އެދިފައިވާ ކަމަށާއި އޭރު އެދިފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ. އޭގެ ފަހުން ބައްސާމް އެދިފައިވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ. ނަމަވެސް ފުލުހުން ނިންމީ އިތުރު މުއްދަތެއް ނުދިނުމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.
މި މައްސަލައާ ގުޅިގެން ބައްސާމްގެ އިތުރުން އިތުރު ދެ މީހަކާއި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.

