މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި، ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) އަދި މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) ހިމެނެއެވެ. އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ހިމެނެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފުރުސަތު ހުޅުވާލައިފައިވަނީ ނޮވެމްބަރު 7 ގެ ނިޔަލަށެވެ.
އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.