ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދާއި ބ. ކަމަދޫ އާމިނަތު ޒާރާގެ ކައިވެނީގެ އުފަލުގައި މުޅި ކަމަދޫ ޒީނަތްތެރި ވެއްޖެއެވެ. މިނިމުނު ބުރާސްފަތި ދުވަހު ކައިވެނި ބައްލަވައިގަތް މިދެކަނބަލުން އިއްޔެ ކަމަދުއަށް ވަޑައިގަތުމާއެކު މުޅި ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިމަހުގެ 10 ވަނަ ދުވަހާއި އެރޭ ސިޔާމްގެ ކ. އޮޅުވެލި ރިސޯޓުގައި އޮތް މިކައިވެންޏަކީ މިހާތަނަށް ރާއްޖޭގައި މެދުކެނޑުމެއް ނެތި އެންމެ އަޑުގަދަ ވެގެން ގޮސްފައިވާ ކައިވެންޏޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ކައިވެނީގެ ހަފުލާ އޮޅުވެލީގައި، ސިޔާމް ވޯލްޑުގައި ބޭއްވުމަށްފަހު ސިޔާމްގެ ދެމަފިރިކަނބަލުން، ޒާރާގެ އުފަން ރަށް ކަމަދޫއަށް ވަޑައިގެންނެވުމަށް އެރަށް އޮތީ އެންމެ ފުރިހަމައަކަށް ތައްޔާރުކޮށްފައެވެ. މުޅި ރަށުގެ ކުދި ބޮޑު އެންމެންވެސް އިއްޔެ އާއި ރޭ، އެރަށުގައި ކުރިއަށް ދިޔަ ތަފާތު ހަރަކާތްތަކާއި ކެއުންތަކުގައި ބައިވެރިވެ އެދެމަފިރިކަނބަލުންގެ އުފަލުގައި ޝާމިލުވިއެވެ.

ޒާރާ…. ކައިވެނީގެ ހަފްލާ އަށް ތައްޔާރު ވެފައި
ހަވީރު ބޭއްވި ކުޑަކުދިންނަށް ހާއްސަ ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ޖާދޫ ހެދުން ފަދަ ކަންކަން ފެނިގެންދިޔައެވެ. މީގެ އިތުރުން، ކައިވެނީގެ އުފަލުގައި ކަމަދޫގައި ބޮޑު ހަފްލާއެއް ރޭގައި ބޭއްވިއެވެ. މި ހަފްލާގައި ހަވާ އެރުވުމާއި، ރަށުގެ ރައްޔިތުންނަށް ހާއްސަ ކެއުމަކާ އެކު ލައިވް މިއުޒިކް ޝޯއެއް ވެސް ހިމެނެއެވެ.

ޒާރާ އާއި ސިޔާމް ގެ ކައިވެނީގެ އުފަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން

ޒާރާ އާއި ސިޔާމް ގެ ކައިވެނީގެ އުފަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން….. ފޮޓޯ؛ ސޯޝަލް މީޑިއާ
މި ހާއްސަ ހަފްލާއަށް ބައެއް ދިވެހި ބޭންޑްތައް ވެސް ކަމަދޫއަށް ގޮސްފައިވެއެވެ. މުޅި ރަށު ރައްޔިތުން މި އުފަލުގައި ބައިވެރިވެ، ކައިވެނީގައި ބަރަކާތް ލެއްވުމަށް ހެޔޮދުއާއާއި ތަހުނިޔާ ދިނެވެ. ސިޔާމްގެ ފަރާތުން ކަމަދޫގެ ރައްޔިތުންނަށް މާކުރިންވެސް ވަނީ އެތަކެއް އުފާވެރި ހަބަރު ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ރަށުގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ބޭސްފަރުވާގެ އެހީއެވެ.

ޒާރާ އާއި ސިޔާމް ގެ ކައިވެނީގެ އުފަލުގައި ބޭއްވި ރަސްމިއްޔާތު ތެރެއިން……. ފޮޓޯ: ސޯޝަލްމީޑިއާ
ބެލެވޭ ގޮތުގައި ސިޔާމް އާއި ޒާރާގެ ކައިވެނީގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް މާދަމާ ވެސް ކުރިއަށްދާނެ އެވެ، ހަސަދައާއި ނަފްރަތާއި ހަޖޫޖެހުމާއި އަބުރަށް ހުތުރުވާފަދަ ބަސްތައް އެކިދިމަދިމާލުން އަންނަ ކަމުގެ އެއްވެސް ހިލަމެއް ވާން ވެސް ބޭނުންނުވެފައިވާ މިދެމަފިރިކަނބަލުންނަށް ކަމަދޫއިން ލިބިގެން ގޮސްފައިވަނީ ތަފާތު ލޯތްބަކާއި ތަހުނިޔާއެކެވެ.
ރާއްޖޭގެ އެކި ވިޔަފާރިވެރިން އަދި ސިޔާސީ ފަރާތްތައްވެސް އުމުރުން ހަގު ފަރާތްތަކާ ކައިވެނި ކުރުމަކީ ތާރީހުގައި ލިޔެވިފައި ނެތް ކަމެއް ނޫނެވެ. ކަން މިހެން އޮތުމާއެކުވެސް ރާއްޖޭގެ ސޯޝަލްމީޑިޔާގައި އެންމެ އަޑުގަދަކޮށް ދެކެވޭ ވާހަކައަކީ ކަމަދޫ ޒާރާއާއި ސަންސިޔާމްގެ ކައިވެނީގެ ވާހަކައެވެ.

ސިޔާާމާއި ޒާރާ ކަމަދޫ ގައި

ކަމަދޫގައި ރޮބޯމޭން ގެ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިކައިވެނި މިހާ ބޮޑަށް ވައިގައި ހިފައި މިއަޑު ގަދަ ވަމުންދާއިރު އެންމެ ފުރަތަމަ ދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތި ޒާރާވެސް ސިޔާމްވެސް އެފަރާތްތަކުގެ އުފަލާއި އެދެކަނބަލުންގެ އަމިއްލަ ދުނިޔޭގައި އުޅުއްވަމުން ގެންދަވަނީ ރައްދު ޖަވާބެއް ދެއްވުމަކާ ނުލައެވެ. ގައުމުގައި މިފަދަ ކައިވެންޏެއް ކުރާއިރު، އަތޮޅުތެރޭގެ ރަށެއް، އެވެސް މުޅި ރަށް އެކުއެކީ އެއްރާގަކަށް ފައި ހަމަކޮށް، އެއްލަވައެއް ކިޔައި އެއް އުފަލެއް ފާޅުކުރަމުންދާއިރު އެވާހަކަ ދެއްކުމަކީ މައްސަލައަކަށް ނުވިޔަސް އޭގައި ދައްކަން ނުޖެހޭ ބޭއަދަބީ ވާހަކަތަކާއި ދޮގު ބަދުނާމު ބަސްތައް އެކުލެވިގެން ވުމަކީ އެއްވެސް ހާލެއްގައި ރީތި އަދަބުވެރި ގޮތެއް ނޫންކަން ޔަގީނެވެ.

ޒާރާ ކައިވެނީގެ ހަފްލާ އަށް ތައްޔާރު ވެފައި…..
ކައިވެނީގެ ރަނަކަށް 2024 ރުފިޔާ ކިޔާފައިވާއިރު ޒާރާގެ ބޮލުގައި ދިވެހި މީމްސްތަކުންނާއި ސޯޝަލްމީޑިޔާގެ އެކިއެކި ޕޭޖުތަކުންނާއި ބައެއް ހަބަރުތަކުންވެސް އަޅުވާފައި އޮތީ ދެގެސްޓްހައުސްއަށް ރަން ކިޔައި އަދި އޭގެ ތެރެއިން އެއް ގެސްޓުހައުސް ދައްތައަށް ވެދުމަކަށް ދިންވާހަކައެވެ، މިއީ ހައްތަހާވެސް އަނެކުންގެ އަބުރު ކަތިލުމޭ ދަންނަވާލުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ.
ހުވަދޫމީޑިޔާގެ ފަރާތުން އެދެނީ ކުރަމުންދާ ހޭދައަށްވުރެ މާބޮޑަށްވެސް ބަދަހި ފުރިހަމަ ގުޅުމަކުން ގުޅިގެން ޒާރާއާއި ސިޔާމްގެ ކައިވެނި ބާއްޖަވެރިވެ އުފާވެރިވެގެންދިއުމެވެ. އަދި ފާގަތި މުސްތަގުބަލަކާއި ކާމިޔާބު ހަޔާތެއް ދެއްވުމެވެ.
ޝުކުރިއްޔާ ލިޔުންތެރިޔާ..ކޮންމެ ނޫހަކުންވެސް އާންމުންގެ ސަމާލުކަން ހޯދަން މޮޅެތި ހެޑިން ޖަހައިގެން ދަނީ އަބުރު ކަތިލުމާއި ފިތުނަ ފަސާދަ އުފައްދަމުން.. މުޅި ސޯޝަލް މީޑިޔާގައި ހަސަދަވެރިކަން..މިކަހަލަ ލިޔުމެއް މިކަމާގުޅިގެން މިފެނުނީ އަލަށް..ވަރަށް އުފާވެއްޖެ..މީހުންގެ ޒާތީ ދިރިއުޅުމާ ބެހުމުގެ ހައްގެއް އަނެކަކަށް ނޯންނާނެ.. މިނިވަންކަންވެސް އޮންނާނީ އަނެކާގެ ހައްގުތަކައް އަރައި ނުގަނެ..ޒާރާއަށް ބަލަދުއަރާ އޭނާގެ ޒިންމާނަގަންޖެހޭ އެންމެން ހެޕީ.. އެހެންބަޔަކަށް ކޮންކަމެއް..އެހެންމީހުނަށްޓަކައި އުފާވާން ދަސްކުރަން އެބަޖެހޭ ދިވެހިން..ތިމާގެ ދަރިން ތިމާއަށް އަޅާނުލީމަ އަންހެނުން ބަންގާޅިއެއްކައިރިއަށް ވަނީމަ ސަމާލުކަން ހޯދަން އެހެންމީހުނަށް އޭގެ ރުޅި ނުބާލަބަލަ..