އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް” (ޔޫ.ޕީ.އައި) ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ޔޫ.ޕީ.އައި. ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ކަމަށެވެ.
މީގެ އިތުރުން ޔޫ.ޕީ.އައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.