ސްޕޯޓްސް ކްލަބް ޔުނީކް ( އެސްސީޔޫ) އިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތް “ޔުނިކް ކަޕް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ޑިސެމްބަރު 20 ވަނަ ދުވަހު ތިނަދޫ ސިޓީގައި ފަށާ މި މުބާރާތް ހުޅުވާލާފައިވަނީ މުޅި ހުވަދު އަތޮޅަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް ގއ.އަތޮޅާއި، ގދ.އަތޮޅުން ބޭރުގެ 2 ކުޅުންތެރިން ހިމެނިދާނެ ކަމަށް ސްޕޯޓްސް ކްލަބް ޔުނީކް އިން ވަނީ މައުލޫމާތުދީފައެވެ.
ޔުނިކް ކަޕްގެ ފުރަތަމަ މުބާރާތް މި އަހަރުގެ ޑިސެމްބަރު މެދުތެރޭގައި ފެށުމަށް އެ ކްލަބުން ތައްޔާރުވަމުންދާއިރު، މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ކުރިޔަށް އޮތް ތަނުގައި ކޮންމެ އަހަރަކު މި މުބާރާތް ސިލްސިލާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އަގު އިތުރަށް ބޮޑު ކުރުމަށް ވެސް އެސްސީޔޫ އިން ވަނީ ނިންމާފައެވެ.
ޔުނިކް ކަޕް 2024 ގައި ބައިވެރިވާ ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު 7 ވަނަ ދުވަހުގެ 20:00 އެވެ.
މުބާރާތުގައި ބައިވެރިވުމަށް އިތުރު މައުލޫމާތު ހޯދުމަށް 7692656 އަށް ގުޅުއްވުމަށް ޔުނިކުން ވަނީ އެދިފައެވެ.
ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސަޢުދުﷲ ޙިލްމީގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގަމުން އަންނަ ސްޕޯޓްސް ކްލަބް ޔުނީކް އިން ވަނީ ތިނަދޫ ސިޓީގައި މީގެ ކުރިންވެސް ބިލިއާރޑް އާއި، ބެޑްމިންޓަން ފަދަ ކުޅިވަރުގެ އެކި މުބާރާތްތައް ބާއްވާފައެވެ.
ތިނަދޫ ސިޓީގައި ބޮޑު ފުޓްބޯޅައިގެ މުބާރާތެއް ނުބާއްވާތާ ދެއަހަރެއްހައި ދުވަސްވެފައި ވަނިކޮށް، އެސްސީޔޫ އިން އިއުލާނުކުރި “ޔުނިކް ކަޕް 2024″ ފުޓުބޯޅަ މުބާރާތަކީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި މެމްބަރު ސަޢުދުﷲ ޙިލްމީ ތިނަދޫގެ ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ސަޢުދުﷲ ވަނީ ތިނަދޫގައި ފުޓުބޯޅައިގެ ރޫހު އާލާކޮށް ކުރިއެރުވުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދައުރުގެ ކޮންމެ އަހަރަކު، 5 އަހަރު ވަންދެން ފުޓުބޯޅަ މުބާރާތެއް ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

